"ދިވެހިންގެ ކިބާގައިވާ ރިވެތި ބައެއް އާދަތައް މީހާރު އަންނީ ބަދަލުވަމުން އުވެމުންނެވެ."


ފެށުން

ދިވެހިންނަށް ލިބުނު އެންމެ އަގުހުރި ނިޢުމަތަކީ މާތްވެގެންވާ އިސްލާމްދީން ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ދިވެހިންނަކީ ދީންވެރި ހިތްނިޔަތް ހެޔޮ ތެދުވެރި ފުރިހަމައަށް މެހެމާންދާރީ އަދާކުރާ ބައެކެވެ. އެބައެއްގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި އެއްބަނޑުއެއްބަފައިކަން ދެމިއޮތް ބައެކެވެ. ހުރިހާ ރިވެތި އާދަތަކެއްގެ ވެރި ބައެކެވެ. ނަމަވެސް ހިތާމައަކީ މި ރިވެތި އަޚުލާޤުތަކުގެ ތެރެއިން ބައެއް ކަންތައްތައް ބަދަލުވެ އުވެމުންދާކަމެވެ. އެގޮތުން ދީނީގޮތުންނާއި އިޖުތިމާއީގޮތުންނާއި ފަރުދީގޮތުން އިހުޒަމާނުގައި ދިވެހިންގެ ކިބާގައިވާ ރިވެތި އާދަތަކުގެ ތެރެއިން ބައެއް އާދަތައް ބަދަލުވެ އުވެމުން އެބަދެއެވެ. ވީމާ މި ދިރާސީ މަސައްކަތުގައި އަލިއަޅުވައިލާނީ ކުރީޒަމާނުގައި ދިވެހިންގެ ކިބާގައިވާ ބައެއް ރިވެތި އާދަތަކާއި މިހާރު ބަދަލުވަމުންދާ އާދަތަކާއި އުވެމުން އަންނަ އާދަތަކާއި އެ އާދަތައް ބަދަލުވެ އުވުމަށް މެދުވެރިވި ސަބަބުތަކުގެ މައްޗަށެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތު ރަނގަޅު ކުރެވޭނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިގެންނެވެ.

އަދުގެ ދިވެހިރާއްޖޭގެ ޙާލާދޭތެރޭ ނަޒަރު ހިންގާލުމުން ފެނިގެންދަނީ ވަރަށްވެސް ބިރުވެތި އެހާމެ ހިތާމަހުރި މަންޒަރެކެވެ. މުޖުތަމަޢުން ފެނިގެންދަނީ ތަފާތު ވައްތަރުތަކުގެ ޖަރީމާތަކާއި ބޮޑެތި ކުށްކުރާތަނެވެ. މީގެތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ފޭރުމާއި، ވައްކަންކުރުމާއި، މީހުން މެރުމާ އަދި މިނޫނަސް އެތައް ޖަރީމާތަކެކެވެ. ފާހަގަކޮށްލަންޖެހެނީ މިކަންކަމުގައި މުޅީންވެސް އުޅެނީ ޒުވާނުންކަމެވެ. މިގޮތަށް ކަންތައް ދިމާވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުނުވެ މުޖުތަމަޢަށް ނުކުތުމެވެ. މިގޮތުން މިކަން ރަނގަޅު ކުރުމަށްޓަކައި މައިންބަފައިން ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމީ ގިއުގަނޑުގެތެރެއިން ޢަމަލުކުރަންޖެހެއެވެ. ދަރިންނަށް ދަސްވާނީ ޅަފަތުގައި ދަސްކޮށްދިން އެއްޗެކެވެ. އަދި މައިންބަފައިންނަކީ ނަމޫނާ ބަޔަކަށް ވުމުގެއިތުރުން ތަރުބިއްޔަތު ދިނުމުގައި އިހުމާލުވާގޮތްތައް ނައްތާލަންޖެހެއެވެ.
   

އަޞްލުގައިވެސް

ގަހަށް ނެތްކުލުނު ފަތަކަށް ހުރުމަކީ އޭ މުސްތަޙީލުކަމެއް                                      
ބަހަށްނެތް ލޯބި ޤައުމަށް ކުރުމަކީވެސް ނޭކަށޭނަކަމެއް                        
މަލެއްނެތްނަމަ ފޮޅެންފަރިވާ ގަހަށް ފިނިފެންމަލުގެ ތިރިވާ                                      
ވަލެއްގައިވެސް ކޮކާ މާބުރު އައިސްއުޅުމީ ނުވާނެކަމެއް                       
 ބަލާލާއިރު ލިލީމަލަކާއި ތަފާތުނުވާ އެހެން މާތައް                                           
ހަލާކެއްނެތި ފޮޅުނު ނަމަވެސް ވަހެއްގާ ވޭހެ މީރުކަމެއް                      
ގުރުޑުފިޔަ ހޯދަނީވިއްޔާ ފެނޭ ފިނިފެންމަލުން އަދިވެސް                                       
ދުރުން ދާއިރު ނުވިސްނޭހޭ ޢަބީރެއް އޭގެ ވާނެކަމެއް                         
ގަހުން އަލަ ކެޔޮ ނިރެއް ޖެހުމީ އެއަށް ފެންދީ ހަދާ އުޅުނަސް                                  
ފަހުން ޤަރުނެއްވެ މަރުވެ ދިޔަސް އެއީ އަމުދުން ނުވާނެކަމެއް                  

(ރީތިޅެން:9 – ޔޫސުފު އަލިފުޅު)

ހިތްމަތާއި މިންނަތްކުރޭ


އަންނަ މަތިވެރި ތިޔަ ޚިޔާލަށް ހިތްމަތާ މިންނަތްކުރޭ!                                       
ކަންތަކަށް ލަސްނުވެ އެކުން ހަރަކާތްތެރިވެ ފިކުރެއްކުރޭ!                    
ރޫޙު ނެތިގެން ގެއްލިފައި މުޅިދިރިއުޅުން ހީނަރުކުރަން                             
                          ނޫޅެތިޔަހެން ޢަޒުމް ޢަމަލީ ޒާރުގައި ސާބިތުކުރޭ!   
ނޫރު ކެނޑިގެން ހިތުގެ ދާހިނދު ވިސްނުމެއް ފިކުރެއްނުކޮށް                           
ހޫރުމަށްވުރެ ލާޒިމީ ރޫޙެއް ގެނައުމޭ ހަމަދިރޭ!
ރީތި ކުދިކުދި ފިޔަޖަހާ ނަލަތަރިތަކާ ގުޅުވާލަމުން                                   
     ރީތި ފުރިހަމަ ޤުދުރަތީ އެކިމަންޒަރުން ހިތްފަރިކުރޭ!
ކޮންމެފަދަ ގިލަނެއް ޖެހުނު ނަމަވެސް އެއަށް ކެތްކޮށް ނިކަން                        
      ކޮންމެ ފުން ކަނޑަކުންވިޔަސް ރޫޙަށް ޣިޛާ ހޯދަން އެރޭ!

(ރީތިޅެން:8 – އާމިނަތު ފާއިޒާ)

ދިވެހި ދަރިއެއްގެ ޢަޒުމެއް

މިނިވަންކަމުން ލިބެވޭއުފާ ޢަޒުމެއްކަމަށް ހަދާނަމޭ                                    
      ދިނިގެން މުޅިން ހިނގޭނެހާ މަގުތައް އަލުން ކޮށާނަމޭ
މިނިވަންކަމުގެ އުހަލާއެކީ ބާޣުގެ އެތަންމިތަނުން އިވޭ                                        
                           ފިނިފިނި އެތައް އާރާގަކުން ރޫޙަށް ދިރުން ގެނުވާނަމޭ        
ހިނިތުންވެގެން ހުރިހާ އަޚުން ނަލަކަންމަތީ މިހިނގާ ދުވަހު                               
      މިނިވަންކަމާއި މެދަށް ޚިޔާލު ހިންގަންފަށަން ގޮވާނަމޭ
ފިނިފިނި ނަސީމުގެ ރޯޅިތައް ތާޒާކުރާ ޚިޔާލަކުން                                      
     މިނިވަންކަމުގެ ފުންމަޢުނައަށް ދުރުމީއަޅަން ފަށާނަމޭ
މިނިވަންކަމުގެ މަތިވެރި ނަމުން ލިބުނަސް ނަމެއް ސިޔާސަތުން                            
މިނިވަންކަމުގެ ޙަޤީޤަތީ ކެރިފޯރުމޭ ގޮވާނަމޭ

(ރީތިޅެން:7 – މުޙަންމަދު އަމީން)