ރަށު ކައުންސިލުގެ ރައީސްކަން ލިބިއްޖެނަމަ



        ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކައުންސިލުގެ އިދާރާއެއް ނެތިދިޔުމަކީ ނާދިރުކަމެކެވެ. ކައުންސިލުގެ އިދާރާއެއް ހުރުމުގެ މަޤުޞަދަކީ ރައްޔިތުންނާއި ރަށަށް ޚިދުމަތްތަކެއް ކޮށްދިނުމެވެ. އެގޮތުން އަޅުގަނޑަށް ކައުންސިލުގެ ރައީސްކަން ލިބިއްޖެނަމަ އަޅުގަނޑަށް ވީވަރަކުން ރަށުގެ ތަރައްޤީއާއި ރައްޔިތުންނަށް ލާބައައި މަންފާ ލިބިދޭ ހުރިހާކަމެއް ކޮށްދޭނަމެވެ. އޭގެތެރޭގައި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާނެ ކޮމިޓީއެއް އުފެއްދުމާއި، އިންޓަނެޓުގެ ޚިދުމަތް ފުޅާކޮށްދިނުމާއި، ރަށްސާފުކުރުމާއި ރަށް ކުރިއެރުވުމުގެ މަސައްކަތް ހަރުދަނާކުރުމާއެކު ޤަވާއިދާ ޚިލާފުވާ ފަރާތްތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަމެވެ.                                                                



        ރަށު ކައުންސިލުގެ ރައީސްކަން ލިބިއްޖެނަމަ ފުރަތަމަވެސް އަޅުގަނޑު ކޮށްދޭނެކަމަކީ ރަށު ރައްޔިތުންގެ ޝަކުވާތަކާއި ބޭނުންތައް ބަލައި އަޑުއަހާނެ ޚާއްޞަ ކޮމިޓީއެއް އުފެއްދުމެވެ. މިފަދަ ކޮމިޓީއެއް އެކުލަވައިލެވިއްޖެނަމަ ރައްޔިތުން ބޭނުންވާ ކަންތައްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. އަދި އެއިގެއިތުރުން މިކޮމިޓީގައި ހުރިހާ ރައްޔިތުންގެ މަސްލަޙަތު ޝާމިލުވާނެ ގޮތަކަށް ކަންތައްތައް ނިންމައިދެވޭނެއެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގެމަތިން  ކަންތައްތައް ކުރެވޭނެގޮތް ތަނަވަސް ވެގެންދަނެއެވެ.                                                        
                                             
        ރަށު ރައްޔިތުންނަށް ކޮށްދެވޭ ކަންތައްތަކުން، ކޮމިޓީ އެކުލަވައިލުމުގެ އިތުރުން މިހާރަށްވުރެ ފަސޭހަ ގޮތެއްގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނޭނެއެވެ. އެއިގެ ސަބަބުން ނެޓްގެ ޚިދުމަތް ފުޅާވެ އަގުހެޔޮ ކުރެވޭނެއެވެ. ހިލޭ ނެޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަކީވެސް ދުރުގައިއޮތްކަމެއް ނޫނެވެ. މިކަމުގައި އޮތީ ރަށު ރައްޔިތުންގެ ޚިޔާލެވެ. ރައްޔިތުން ބޭނުންވާނަމަ ކޮންމެ ގެއަކަށްވެސް ހިލޭ އިންޓަނެޓްގެ ޚިދުމަތް ދޭގޮތަށް ހަމަޖައްސާނަމެވެ.                                                                   
        ރައްޔިތުންނަށް ކޮށްދެވޭ ކަންތައްތަކުގެ އިތުރުން، ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގޭނެގޮތް ހަދައިދިނުމަކީވެސް ކައުންސިލުގެ ރައީސްކަން ލިބިއްޖެނަމަ އަޅުގަނޑު ކޮށްދޭނެ ކަމެކެވެ. ރަށުރެތޭގައި ފެތުރެމުންދާ ބަލިތަކަކީ ގިނަފަހަރަށް ރަށުގެ ސާފުތާހިރުކަމާ ގުޅިފައިވާ ކަމެކެވެ. އެގޮތުން ކުނިއުކާ ސަރަޙައްދުގެ ޙާލަތު ރަނގަޅުކޮށް ވަލުތެރެއާއި ގޮނޑުދޮށްތަކަށް ކުނިއެޅުން މަނާކޮށް އެކަންތައްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހެއެވެ. އެހެން ނޫނީ ރަށުތެރޭގެ ސާފުތާހިރުކަން ދަށަށްގޮސް ތަފާތު ބަލިތައް ފެތުރުމަށް މަގުފަހިވާނެއެވެ.                          

         ރަށް ސާފުކޮށް ބެލެހެއްޓުމާއި ރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއްގައި ކައުންސިލުގެ އެއްބާރުލުން ދިނުމަކީވެސް އަޅުގަނޑު ކޮށްދޭނެ ކަމެކެވެ. އެގޮތުން އަމިއްލަ ޖަމުޢިއްޔާތަކާއި ކުލަބުތަކާއި ކޮމިޓީއަކުންވެސް އެފަދަކަމެއް ކުރިއަށް ގެންދާނަމަ ކައުންސިލު އިދާރާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭގޮތަށް ހަދައިދޭނަމެވެ. ނަތީޖާއެއްގެ ގޮތުން ރަށް ކުރިއެރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެން ދާނެއެވެ. އެއާއިއެކުވެސް ކައުންސިލު އިދާރާއިން އިސްނަގައި ރަށުގައި ނަރުދަމާލުމާއި "ވޯޓަރ ސަޕްލައި" ފެން ލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަމެވެ.                                                                   
         ކައުންސިލުގެ ރައީސްކަން އަޅުގަނޑަށް ލިބިއްޖެނަމަ ރަށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ އިސްލާޙު ކުރުމުގެ ޕްރޮގުރާމްތައް ހިންގާނަމެވެ. ހަމައެހެންމެ ފުލުހުންނާއި ގުޅިގެން އެފަދަ ކަންތައްތައް ކުރުމުގައި ކައުންސިލު އިދާރާގެ އެހީތެރިކަން އެއިގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދޭނަމެވެ. މިގޮތަށް މިކަން ކުރިއަށްދާކަމުގައި ވާނަމަ ޤަވާއިދާ ޚިލާފަށް ޢަމަލުކުރާނެ އެކަކުވެސް ނުހުންނާނެއެވެ.                                                               
         ރަށު ކައުންސިލުގެ ރައީސްކަން ލިބުމުން ރަށުގެ ތަރަށްޤިއާއި ރައްޔިތުންނަށް ފައިދާވާނެ ތަފާތު ކަންތައްތަކެއް އަޅުގަނޑު ކޮށްދޭނަމެވެ. އެހެނީ ކައުންސިލުގެ ރައީސަކީ ބޮޑު ޒިންމާއެއް އުފުލަންޖެހޭ ފަރާތަކަށް ވާތީއެވެ. ކައުންސިލުގެ ރައީސްކަން އަޅުގަނޑަށް ލިބިއްޖެނަމަ މަޤާމުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމުގެ ޔަޤީންކަން ދެމެވެ. އަދި ރަށު ރައްޔިތުންނަށާއި ރަށަށް ފައިދާވާ ހުރިހާކަމެއްވެސް ފުރިހަމަގޮތުގައި ކޮށްދޭނީ އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކިގެންނެވެ.                                                                                    

0 ޚިޔާލު :

Post a Comment