"ދިވެހިންގެ ކިބާގައިވާ ރިވެތި ބައެއް އާދަތައް މީހާރު އަންނީ ބަދަލުވަމުން އުވެމުންނެވެ."


ފެށުން

ދިވެހިންނަށް ލިބުނު އެންމެ އަގުހުރި ނިޢުމަތަކީ މާތްވެގެންވާ އިސްލާމްދީން ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ދިވެހިންނަކީ ދީންވެރި ހިތްނިޔަތް ހެޔޮ ތެދުވެރި ފުރިހަމައަށް މެހެމާންދާރީ އަދާކުރާ ބައެކެވެ. އެބައެއްގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި އެއްބަނޑުއެއްބަފައިކަން ދެމިއޮތް ބައެކެވެ. ހުރިހާ ރިވެތި އާދަތަކެއްގެ ވެރި ބައެކެވެ. ނަމަވެސް ހިތާމައަކީ މި ރިވެތި އަޚުލާޤުތަކުގެ ތެރެއިން ބައެއް ކަންތައްތައް ބަދަލުވެ އުވެމުންދާކަމެވެ. އެގޮތުން ދީނީގޮތުންނާއި އިޖުތިމާއީގޮތުންނާއި ފަރުދީގޮތުން އިހުޒަމާނުގައި ދިވެހިންގެ ކިބާގައިވާ ރިވެތި އާދަތަކުގެ ތެރެއިން ބައެއް އާދަތައް ބަދަލުވެ އުވެމުން އެބަދެއެވެ. ވީމާ މި ދިރާސީ މަސައްކަތުގައި އަލިއަޅުވައިލާނީ ކުރީޒަމާނުގައި ދިވެހިންގެ ކިބާގައިވާ ބައެއް ރިވެތި އާދަތަކާއި މިހާރު ބަދަލުވަމުންދާ އާދަތަކާއި އުވެމުން އަންނަ އާދަތަކާއި އެ އާދަތައް ބަދަލުވެ އުވުމަށް މެދުވެރިވި ސަބަބުތަކުގެ މައްޗަށެވެ.

ކުރީޒަމާނުގައި ދިވެހިންގެ ކިބާގައިވާ ބައެއް ރިވެތި އާދަތަކުގެ ތެރެއިން:

1. ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔެވުމުގެ އާދަ.

ކުރީޒަމާނުގައި ދިވެހިންނަކީ މަޣްރިބް ނަމާދާއި ޢިޝާނަމާދާ ދެމެދު ޤުރުއާން ކިޔަވާ ބައެކެވެ. މިގޮތުން ކުދިބޮޑު އެންމެން މިކަންކުރެއެވެ. ޚާއްސަކޮށް ދެ ނަމާދު ދޭތެރޭގެ ވަގުތުގައި އެހެންކަންކަން ކުރުމުގެ ބަދަލުގައި، އެއީ ޤުރުއާން ކިޔަވަން ޚާއްސަ ވަގުތެއްކަމުގައި ވަނީވެފައެވެ. އެޒަމާނުގައި ކޮންމެ ރަށެއްގެ  ކޮންމެ ގެއަކުންވެސް ދެ ނަމާދު ދޭތެރޭގެ ވަގުތުގައި އިވޭނޭ އަޑަކީ ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވާ އަޑެވެ. މިކަމުން އެނގި ހާމަވަނީ ދިވެހިން ދީނުގެ ކަންކަމަށް ލޯބިކުރާ މިންވަރެވެ. މޫސާ ޢަލީ (އ.ނ) ބަޔާންކުރައްވާ ގޮތުގައި ދިވެހިންނަކީ ދީނަށް ޙުރުމަތްތެރިކޮށްހިތާ އިޢުތިޤާދު ހަރުދަނާ ބައެކެވެ. އަބްދުލް ޚާލިޤު މޫސާ (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް،  16 މާރިޗު 2016 ) ދިވެހިން ގަބޫލުކުރަނީ ދެ ނަމާދު ދޭތެރޭގެ ވަގުތުގައި ޤުރުއާން ކިޔެވުމަކީ އެ ގެއަކަށް ދިރުންލިބި ގޭގައި ދިރިއުޅޭ މެންބަރުންނަށް މާއްދީގޮތުންނާއި މަޢުނަވީގޮތުން ރައްކާތެރިކަން ލިބިގެންދާ ކަމެއްގޮތުގައެވެ. ހަމައެހެންމެ ހުކުރުވިލޭރެއާއި ހޯމަވިލޭރޭގައި ޤުރުއާން ކިޔަވައި ޞަލަވާތްކިޔެވުމަކީ ކުރީޒަމާނުގައި ކުރަމުންގެންދިޔަ ކަމެކެވެ.

2. އެކަކު އަނެކަކަށް ކަމޭހިތައި އިޙްތިރާމުކުރުން.

އިބުނު ބަޠޫޠާއާއި ޕިރާޑު ފަދަ އެޒަމާނުގައި ދިވެހިރާއްޖޭގެ އާދަތައް ފެނިފައިވާ ސައްޔާހުންގެ ވާހަކަތަކުން އެނގި ހާމަވާ ގޮތުގައި ދިވެހިންނަކީ މެހެމާންދާރީ އަދާކުރުންފަދަ ކަމޭހިތުމުގެ ރިވެތި އާދަތަކުގެ ވެރި ބައެކެވެ. " އެ މީހުންގެ ރަށަށް ނަވެއް އަތުވެއްޖައީވިއްޔާ، އެރަށުގެ ފިރިހެނުން ބިލެތާއި ކުރުނބާ ހިފައިގެން ހަދިޔާ ކުޅައުމަށް ނައުދޮށަށް ދިއުމަކީ، އެބައިމީހުންގެ މެދުގައިވާ އާދަތަކުގެ ތެރެއިން ކަމެކެވެ. އެ ހަދިޔާ ހިފިމީހަކު އެއީ، ހަދިޔާ ދިންމީހާގެ ގެއަށް ވިޔަފާރި މުދައު ހިފައިގެން ފައިބާ މީހާއެވެ. ފޭބުމަށްފަހު އެ މީހަކީ އެގޭގެ ތިމާގެ މީހެއްފަދަ މީހެކެވެ." ( އިބުނު ބަޠޫޠާ ދިވެހިރާއްޖެއާމެދު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ތަރުޖަމާ) އަބްދުﷲ ޙަމީދު (1990). މުޙައްމަދު އިސްމާޢިލް ދީދީ (1995) އިތުރަށް ކަށަވަރުކޮށްދެއްވާ ގޮތުގައި އިހުގައި އެކަކު އަނެކަކަށް އަދަބު ތަޢްޡީމް އަދާކުރުމުގައި މީހަކު އިށީނދެއިންދާ އޭނާ ހުރަސްކޮށް ދާން ޖެހިއްޖެނަމަ އެމީހަކު ދާނީ އިށީނދެއިން މީހާގެ ފުރަގަހުންނެވެ. މިނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ އެއީ ގޮތްކުޑަ ތަންދޮރު ނުދަންނަ މީހެކެވެ. އަދި ބަޔަކުމީހުންގެ ތެރޭގައި އިނދެގެން ފައިތެޅުވުމަކީ ވަރަށްވެސް އަދަބުކުޑަ ހުތުރު ކަމެކެވެ. މީގެ އިތުރުން ކިތަންމެ މާތް އަންހެނަކު ނަމަވެސް އޭނާގެ ފިރިމީހާއަށް އިޙްތިރާމު ކުރުމުގެ ގޮތުން ފިރިމީހާ ކައި ނިމުމުން  އަތްދޮށްވުމަށް ކުރައާއި ލޯގަނޑު ހިފައިގެން އެހެންމީހަކު ފޮނުވުމަކީ ހުތުރު ކަމެއްކަމުގައި އެޒަމާނުގައި ޤަބޫލުކުރެއެވެ. އަދި ތިމާއަށްވުރެ ޢިއްޒަތްތެރި ޤަދަރުވެރިންނަށް ކަމޭހިތުމުގެ ގޮތުން އިހުޒަމާނުގައި އެފަދަ ބޭކަލުންގެ ފަހަތުން ގެއާހަމައަށް ދެއެވެ. މުޙައްމަދު އިބުރާހީމް ލުޠުފީ (1991). 

3. އެކުވެރިކަމާއި އެއްބައިވަންތަކަން.

އެއްބައިވަންތަކަމަކީ ދިވެހިރާއްޖެފަދަ ޖަޒީރާ ގައުމަކަށް ނުހަނު ބޭނުންތަރިކަމެކެވެ. އެގޮތުން އެންމެ ކުރީޒަމާނުން ފެށިގެން ދިވެހިންނަކީ އެއްބައިވަންތަ އެކުވެރި ބައެކެވެ. ޙައްވާ މުޙައްމަދު (2010) ވިދާޅުވާގޮތުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރިވެތި އާދަ ދިވެހިންގެ މެދުގައި އޮތީ ވަކިކަމެއްގައެއްނޫނެވެ. އާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުމުގައި އެއްބައިވަންތަކަން އޮތުމުގެ ސަބަބުން ވަކިވަކި ފަރުދުންނާއި މުޅިގައުމަށްވެސް ފައިދާކުރިއެވެ. އަޙްމަދު ނާފިޢު (2011) ބަޔާންކޮށްދެއްވާ ގޮތުގައި ޤައުމަށް ދިމާވާ ކޮންމެ އަޑިގުނޑަނަކުން އަރައިގަތުމުގައި ދިވެހިންގެ  އެއްބައިވަންތަކަން ދައްކުވައިދެއެވެ. މީގެ އިތުރުން އިޖުތިމާއީ މަސައްކަތުގައިވެސް ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ގޮތުން ކަންތައްތައް ކޮށްދެނީ އެއްވެސް އުޖޫރައަކާއި ނުލައެވެ. މުޙައްމަދު އިސްމާޢިލް ދީދީ (1995) ހާމަކޮށްދެއްވާ ގޮތުގައި ކުރީޒަމާނުގެ ދިވެހިން ފަގީރުންނާއިމެދު ބަލަނީ މާތްކަލާނގެ ޚާދިމުން ކަމުގައެވެ. މިގޮތުން ފަގީރެއް މުއްސަންޖެއް ތަފާތު ކުރުމަކާނުލައި އެންމެންނަކީ އެކުވެރި، އެއްބައިވަންތަ، އެއްބަނޑު އެއްބަފާ ބައެއްކަމުގައިވެއެވެ.

4. ޢާއިލީ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުން.

ކުދި ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މި ދިވެހި މުޖުތަމަޢުގައި އިހުޒަމާނުގައި އޮތްހާވެސް އެއްޗަކީ ފުން ލޯތްބާއި އެކުވެރިކަމެވެ. މައިންބަފައިންނާއި ދަރިންނަށްލިބޭ އުފަލާއި ހިތާމައާއި ދަތިކަމާއި ތަނަވަސްކަން މުޅި ޢާއިލާ ހިއްސާކުރަނީ އެއް ހަށިގަނޑެއްގައިވާ ގުނަވަންތަކެއް ފަދައިންނެވެ. މޫސާ ޢަލީ (އ.ނ) ބަޔާންކުރައްވާ ގޮތުގައި ކާބަފައިންގެ ޒަމާނުގައި ގާތްތިމާގެ މީހުން އެއްބަޔަކު އަނެއްބައެއްގެ ޙާލުބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބިއެވެ. އަދި އެންމެ ގާތުގައި އުޅޭ އަވަށްޓެރިންނާމެދު ދިވެހިން ދެކެފައިވަނީ ގާތްތިމާގެ މީހުންގެ ގޮތުގައެވެ. ހަމައެހެންމެ ދީނީގޮތުން އަވަށްޓެރިޔާއަށް ކަމޭހިތުން އޮތީވެސް މިގޮތަށެވެ. (އިބުނު ބަޠޫޠާ ދިވެހިރާއްޖެއާމެދު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ތަރުޖަމާގައި) އަބްދުﷲ ޙަމީދު (1990) ލިޔެފައިވާގޮތުން އެއިރުގެ ދިވެހިންނަކީ އަވަށްޓެރިންނަށް މާތްކޮށްހިތާ ގާތްތިމާގެކަމާއި ޢާއިލީގުޅުން އޮތްބައެކެވެ. 

5. ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ އާދަ.

ޅަފަތުގައި ދަރިން ތަރުބިއްޔަތުކުރުމަށް ކުރީޒަމާނުގައި ދަރިންނަށް ކިޔަވައިދީ ރަނގަޅުގޮތް ކިޔައިދެނީ މައިންބަފައިންނެވެ. ކުދިން ބޮޑެތިވާން ފެށުމުން މަސައްކަތްކުރަން ދަސްކޮށްދީ ވަރުގަދަ ޝަޚްސިއްޔަތަކަށް އެކުއްޖާ ހަދައިދެއެވެ. މީގެއިތުރުން އެޒަމާނުގެ ގެތަށް ކުޑަވެފައި އުޅޭމީހުން ގިނަކަމަކު އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. މޫސާ ޢަލީ (އ.ނ) ހާމަކުރައްވާގޮތުގައި އާއިލާއެއްގައި މީހުން ގިނަވެ ކުދިން ގިނަވުމަކީ ކުރީޒަމާނުގައި އެއްވެސް މައްސަލައަކަށް ނުވެއެވެ. އަދި ވަކިން ދިރިއުޅުނަސް އާއިލާތަކުގެ މެދުގައި އޮންނަ ލޯތްބާއި ގުޅުމަކަށް ބަދަލެއް ނާދެއެވެ. އާދަމް ޢަބްދުއްރަޙްމާނު (2013) ކަށަވަރުކޮށްދެއްވާ ގޮތުގައި ކުރީޒަމާނުގައި ދަރިންނަށް ރަނގަޅު އާދަތައް ދަސްކޮށްދިނުމުގެ ގޮތުން ނުސީދާގޮތުން ގޯސްއާދަތަކުން ލިބޭ ގެއްލުން ހާމަކޮށްދެއެވެ. މިގޮތަށް ކަންތައް ކުރުމުން ކުދިން ނުރަނގަޅު އާދަތަކުން ދުރުހެލިވާކަމަށްވެއެވެ. މީގެ އިތުރުން އާދަމް ޢަބްދުއްރަޙްމާނު (2013) ހާމަކުރައްވަނީ ކުރީޒަމާނުގައި ހިތާވެގެންއުޅޭ ދެޖިންސުގެ ދެކުއްޖަކު މާ ގައިގޯޅިކޮށް އެކީ އުޅެތަން ފެނުމަކީ ރީތިކަމެއް ނޫނެވެ. އެފަދަ މަންޒަރެއް ދުރުހިލޭ މީހަކަށް ފެނިގެން އެކުދިންގެ މައިންބަފައިންނަށް އެ ކަންތައް އެނގުމަކީ ލަދުގަންނަންޖެހޭފަދަ ކަމެކެވެ. ހަމައެގޮތަށް އެހެންމީހުންނަށް އަދަބު އިޚްތިރާމު ކުރަން ދަސްކޮށްދިނުމަކީ އެޒަމާނުގައި ދިވެހި މައިންބަފައިން އިސްކަމެއްދިން ކަމެކެވެ. މިފަދަ ހަރުދަނާ އުސޫލުތައް ދަރިންތަރުބަވެތި ކުރުމުގައި އެޒަމާނުގައި ގެންގުޅުނުކަމުން އަޚުލާޤު ރަނގަޅު ދަރިންތަކެއްވަނީ މުޖުތަމަޢަށް ނެރެވިފައެވެ.

6. ކެއުން ބުއިމުގައި ހިފަހައްޓާ ރިވެތި އާދަތައް.

އިހުޒަމާނުގައި ކޮންމެ ކަމެއްކުރުމުގައިވެސް ވަކި ޚައްސަ ގަވާއިދުތަކެއް ހުރެއެވެ. އެގޮތުން ކެއުން ބުއިމުގައި އެޒަމާނުގައި ހަރުދަނާ ގޮތްތަކެއް އޮވެއެވެ. މަގުމަތީ ކެއުމާއި ބުއިމަކީ އަދަބާ ޚިލާފު ހުތުރު ކަމެއްކަމުގައި ކާބަފައިންގެ ޒަމާނުގައި ގަބޫލުކުރެއެވެ. އެންމެ އިހުޒަމާނުގައި ކޮށްޅަށްހުރެ ކައިބޮއެ ނަހަދައެވެ. އެއްޗެއް ކާން ނުވަތަ ބޮއެންވެއްޖެނަމަ އިށީނދެއެވެ. އަޙުމަދު ހުސޭނު ( ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހައެއް،  17 މާރިޗު 2016 ) މިކަމަށް ބާރުދެއްވަމުން އާދަމް ޢަބްދުއްރަޙްމާނު (2013) ހާމަކުރައްވާ ގޮތުގައި އެޒަމާނުގައި ކެއުން ބުއިމުގެ ރަނގަޅު އާދަތަކަށް ކުދިން އަހުލުވެރިކުރުވުމަށް ނުސީދާގޮތުން "ކޮޅަށްހުރެ ކާތަކެތި ދާނީ ފައިގެ ބޮޑުވައި އިނގިއްޔަށެވެ." ބުނެ އުޅެއެވެ. ހަމައެހެންމެ ގޭގައި ތިބޭ އިސް ފިރިހެނުން ކެއުމުގެ ކުރިން ގޭގައިތިބޭ އަންހެންވެރިން ކައިނޫޅެއެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ (1991). މިކަން މިގޮތަށް ކުރަނީ ފިރިހެނުންނަށް އިޙްތިރާމުކޮށް އެމީހުން އާއިލާއަށްޓަކައި ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރެވޭފަދަކަމެއް ކޮށްދިނުމުގެ ގޮތުންނެވެ.

މިހާރު ބަދަލުވަމުން އަންނަ ބައެއް ރިވެތި އާދަތަކުގެ ތެރެއިން:

1. ކެއުން ބުއިމުގެ ރިވެތި އާދަތައް

ޒަމާން ތަރައްގީވެ ތަހުޒީބުވަމުންދާއިރު ދިވެހިންގެ ކިބާގައި އެއިރުހުރި ބައެއް ރިވެތި އާދަތައް މިހާރުދަނީ ބަދަލުވަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ކެއުން ބުއިމުގެ ރިވެތި އާދަތަކުގައި އެޒަމާނާއި މިޒަމާނުގެ ހުރި ތަފާތުކަމެވެ. ގޭތެރޭގައާއި ތަފާތު މުނާސަބާތަކުގައި ކެއުން ބުއިމުގައި އިހުގައި ހިފެހެއްޓި ރީތި އާދަތައް މިޒަމާނަށް ވާސިލުވިއިރު ވަނީ ބަދަލުވެފައެވެ. އާދަމް ޢަބްދުއްރަޙްމާނު (2013) ބަޔާންކުރައްވަނީ ތަފާތު ޕާޓީތަކުގައި ކޮޅަށްތިބެގެން ކެއުން ރީތިވެ މަގުމަތީގައާއި ޖެހުނުތަނެއްގައި ތިބެ އެޒަމާނުގައި ކައިބޮއެ ނޫޅޭކަމެވެ. ނަމަވެސް މިޔަދު ކޮޅަށްހުރެގެންނާއި އޮށޯވެއޮވެ ކެއުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހިތަށްއެރި ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކުވެސް ކާންވީއެވެ. އެކަން މަނާކޮށް ރަނގަޅުކުރުމަށް އެއްވެސް ބަޔަކު ނުބުނާނެއެވެ. ސަބަބަކީ އެއީ މިޒަމާނުގެ އާދައަކަށް ވެފައިވާތީއެވެ.

2. ދަރިން ތަރުބިއްޔަތު ކުރުން.

މި ޒަމާނަކީ ހުރިހާކަމެއްވެސް ފަސޭހަކަމާއެކު ކުރެވޭ ޒަމާނަކަށްވާތީ ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް ފަސޭހަގޮތްތަށް ދިވެހިން އިޙްތިޔާރުކުރިކަން މިހާރު މިދަނީ ފެންނަމުންނެވެ. އިހުޒަމާނުގައި އުޅުނުކަހަލަ ބިކަޙާލުގައި ދަރިން ތަރުބިއްޔަތު ކުރާކަށް މިޔަދު ނުޖެހެއެވެ. ޒަހީން މުޙައްމަދު (2015) ކަށަވަރުކޮށްދެއްވާ ގޮތުގައި އަދުގެ ދަރިން ދުނިޔެއަށް އުފަންވުމާއެކު ލޯ ހުޅުވެނީ ކޮންމެވެސް ކަހަލަ ކާޓޫނަކަށެވެ. އެ ކުދިންގެ ވިސްނުން ބިނާވެފައި އޮންނަނީ އެ ކާޓޫނުގައި ދައްކާ ގޮތަށް މީހުންނަށް ކެހި ދިނުމާއި ލަނޑު ދިނުމަށެވެ. މިގޮތަށް ކަންތައްވެގެންދާއިރު މައިންބަފައިން އެއްވެސް ފަރުވާލެއްނެތި އުޅެނީ ކޮންމެވެސް އެހެން ކަމެއްގައި މަސްއޫލުވެއެވެ. އާދަމް ޢަބްދުއްރަޙްމާނު (2013) ވިދާޅުވަނީ މިއަދުގެ މުޖުތަމަޢުގެ ޒުވާން ކުދިން އެކުއްޖެއްގެ ގާލް ފްރެންޑް ނުވަތަ ބޯއީ ފްރެންޑް ގެއަށް ގެނެސް މައިންބަފައިންގެ ކުރިމަތީގައި އެކީއުޅެ އެއް ކޮޓަރީގައި އެތައް ގަޑިއިރެއް ހޭދަކޮށް އެއްމޭޒަކުން ކައި ހެދުމީ ހުތުރުކަމެއް ނޫނެވެ. މިފަދަ ކަންކަމީ ދިވެހިންގެ އާދަތައް ބަދަލުވެފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.

އުވެމުން އަންނަ ބައެއް ރިވެތި އާދަތަކުގެ ތެރެއިން.

1. އިޖުތިމާއީ އެއްބައިވަންތަކަން.

މުޖުތަމަޢެއްގައި އެއްބައިވަންތަކަމުގެ ރިވެތި އާދަ ނެތީވިއްޔާ އެތަނެއްގައި އޮންނާނީ ބައިބައިވުމާއި ތަޅާފޮޅުމެވެ. އަދުގެ ދިވެހި މުޖުތަމަޢުން ފެނިގެން މިދަނީ މިމަންޒަރު ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. "މިޔަދުގެ މުޖުތަމަޢުގައި ކަންކަން އޮތްގޮތް ރަނގަޅަށް ދިރާސާކޮށްލައިފިނަމަ ދަންނަވަންޖެހެނީ އިހު ދިވެހީންގެ މެދުގައި އޮތްކަހަލަ އެކުވެރިކަމަކާއި އެއްބައިވަންތަކަމެއް މިޔަދު އަޅުގަނޑުމެންގެ ތެރޭގައި ނެތްކަމެވެ." ޙައްވާ މުޙައްމަދު (2010). އަދުގެ މުޖުތަމަޢުގައި ހިލޭސާބަހަށް އެއްވެސް އުޖޫރައެއްނެތި މަސައްކަތް ކޮށްދޭނީ އިނގިލިން ގުނާލެވޭހާ މަދުބައެކެވެ. މިއަދު ކަންތައް އޮތްގޮތުން އެއްބަޔަކު އަނެއްބަޔަކަށް އެއްވެސް އިތުބާރެއް ނުކުރެއެވެ. މި އިތުބާރު ގެއްލިފައިވާތީ އެއްބައިވަންތަކަމުގެ ރޫޙުވަނީ ގެއްލިފައެވެ. އިބްރާހީމް މުޙައްމަދު (2012) ވިދާޅުވާގޮތުގައި އިޖުތިމާޢީ ފޭރާން ވީދި ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތައް ނެތިގެން ދާކަމުގެ ޝަކުވާ ތަކުރާރުކޮށް އަބަދުމެ އިވޭ ޝަކުވާއަކަށްވެ ދިވެހިންގެ ކިބައިގައި ޒަމާނުންސުރެއޮތް އިޖުތިމާޢީ ގުޅުން މިއަދު ތަދު ބޭހަކަށް ވަނީ ވެފައެވެ.


2. ޢާއިލީ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުން.

މިއަދުގެ ދިވެހިރާއްޖޭގެ ރައްޔިތުންގެ ކިބާގައިވާ ގުޅުންތަކުގެ ތެރެއިން ޢާއިލީގުޅުމާއި އަވަށްޓެރިކަމުގެ ގުޅުން އުވެމުންއަންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. މޫސާ ޢަލީ (އ.ނ) ހާމަކުރައްވާ ގޮތުގައި ގޭގައި ވަކިވަރަކަށްވުރެ މީހުން ގިނަވުމުން މުސްކުޅި މައިންބަފައިންނާއި ޒުވާން ޢާއިލާ ވަކިވެ އެހެންގެއެއްގައި އުޅޭނަމަ ކުރިން އޮތް ޢާއިލީ ގުޅުމާއި ލޯބި ނެތިގެންދެއެވެ. މިއީ މި ޒަމާނުގައި ކަންހިގާ މަގެވެ. ހަމަމިބީދައިން އެންމެ ގާތުގައި އުޅޭއަވަށްޓެރިޔާއާމެދު ގިނަބަޔަކު ކަންތައްކުރަނީ ރަނގަޅަކަށްނޫނެވެ. އަޙްމަދު ނާފިޢު (2011) ލިޔުއްވާ ގޮތުގައި ގޭގެ ބަދިގޭގެ އުނދުންމަތީގައި ހުރި ބަތްތަވާގެ ފޫ ކަހާލާއަޑަށް ޖެހިގެން ހުރި ގެއިން ބަތް ހިފައިގެންއައި ޒަމާން މިހާރު މިވަނީ ފަހަނައަޅައި ގޮސްފައެވެ. މިޒަމާނުގައި ގިނަގޭގޭގައި މީރު ކާއެއްޗެއް ހެދިއަސް ބަލަނީ ޖެހިގެން ހުރި އަވަށްޓެރިޔާއަށް ނޭނގޭގޮތަށް އަވަހަށް ބޭނުންކޮށްލުމަށެވެ. ކޮންމެ މީހަކުވެސް ބަލަނީ އަމިއްލަ ފައިދާއަށެވެ. އަނެކާއަށް ފައިދާހުރި ގޮތަކަށް ނުވިސްނައެވެ.

 3. ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔެވުމުގެ އާދަ.

މަޣްރިބް ނަމާދާއި ޢިޝާނަމާދާ ދެމެދު ޤުރުއާން ކިޔެވުމުގެ ރިވެތި އާދަ އަދުގެ ދިވެހި މުޖުތަމަޢުން އެއްގޮތަކަށްވެސް ނުފެނެއޭ ބުނުމަކީ ދޮގުވާހަކައެއް ނޫނެވެ. އިހުޒަމާނުގައި އެކަންތައް ކުރަމުން ދިޔަގޮތަށް މިއަދުގެ ޖީލަށް އެކަންތައް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ދެ ނަމާދު ދޭތެރޭގެ ވަގުތުގައި މިޔަދުގެ މުޖުތަމަޢުން ފެނިގެންދަނީ ކުޑަކުދިން ޓީވީބަލާ މަންޒަރާއި ފިލާވަޅުހަދާ މަންޒަރާއި ބޮޑެތިމީނުން އެހެންކަންކަމުގައި މަސްއޫލުވެއުޅޭ މަންޒަރެވެ. އަޙުމަދު ހުސޭނު ( ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހައެއް، 17 މާރިޗު 2016 )  މިހެންކަމުން ރޫޙާނީ ކަންތައްތަކުން ދިވެހިންގެ ގެތަކަށް ރައްކާތެރިކަމެއް ނުވަތަ ގޭގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމެއް ނޯންނާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

ބައެއް ރިވެތި އާދަތައް ބަދަލުވެ އުވެން މެދުވެރިވި ސަބަބުތައް:

1. ޒަމާނީ ޓެކްނޮލޮޖީ ޢާންމުވުން.

ކުރިން އޮތް އާދަތަކެއް މިހާރު ބަދަލުވެ އުވިދިޔުމަށް މެދުވެރިވެފައިވާ އެންމެ މުހިއްމު އެއް ސަބަބަކީ ޒަމާން ތަރައްގީވެ ޓެކްނޮލޮޖީ ޢާންމުވެގެން ދިޔުމެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ އޭގެ ބޭނުން ނަހަމަގޮތުގައި ހިފައިފިނަމަ އުޅުމާއި ގުޅުންތައްވެސް ހީނަރު ކޮށްލާފަދަ ވަސީލަތްތަކެކެވެ. "މިހާރުގެ ޓެކްނޮލޮޖީގެ ސަބަބުން ކުރީން އާއިލާގެ ގުޅުން ބަދަހިވެފައިވާ ބިންގާ އާއި އެންމެންގެ ވިސްނުންވަނީ އެކޮޅުކޮޅުން ޖެހިފައެވެ. މިހާރު މައިންބަފައިން ދިރިއުޅުން ހިންގުމަށާއި ކަންކަމަށް މަގުފަހި ކުރުމުށް ބަރޯސާ ކުރަނީ މުޅިންވެސް ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކަށެވެ. އެކަމަކު ޓީވީ، މޯބައިލު ފޯނު، އައިޕެޑް ފަދަ ތަކެތި ތައާރަފުވެ އާއިލާތަކުގެ ދިރިއުޅުމާއި ގުޅުމަށް އައި ބަދަލު ފާހަގަ ކުރެވުނު ބަޔަކު މަދެވެ." ("ތަރުބިއްޔަތު އެކޮޅުކޮޅުންޖެހީ ޓެކްނޮލޮޖީ!"، 2015 )

ޑރ. އައިޝަތު އަލީ ނާޒަށް ހަވާލާދެއްވާ ހުސައިން ފިޔާޒު މޫސާ (2012) ހާމަކުރައްވާ ގޮތުގައި ފޭސްބުކް ނުވަތަ އެހެން ސޯޝަލް ނެޓްވޯކްތަކުގެ ސަބަބުން އާއިލާތައް ރޫޅިފައި ވެއެވެ. އަދި އެންމެ ބޮޑު  މައްސަލައެއްކަމުގައި ހާމަކުރައްވަނީ މީހުންނާ ކުރިމަތިލައިގެން ނުވަތަ ސީދާ ގޮތެއްގައި ބައްދަލުވެ ވާހަކަ ދެއްކުން މަދުވުމެވެ. ޗެޓުން ވާހަކަ ދެއްކުން އިތުރުވަމުންދާއިރު މީހުންނާ ކުލިމަތިލައި ވާހަކަ ނުދެއްކުމަކީ ގެއްލުން ލިބޭނެ ކަމެކެވެ. އެންމެ ބޮޑު ގެއްލުމަކީ ތިމާގެ ގާތް މީހުންނާއި އެކުވެރިންނާ އޮންނަ ގުޅުން ބަލިކަށިވުމެވެ. ފަރީޙާ ޢަބްދުﷲ (2016) ބަޔާންކުރައްވަނީ ދިރިއުޅުމަށް ފަސޭހަތަކެއް ގެނެސްދިން ފޯނު މިއަދުވަނީ ބޮޑެތި "ކޮމްޕްލިކޭޝަން" ތަކެއްވެސް ދިރިއުޅުމަށް ގެނެސްފައެވެ. މިކަމުން ދޭހަވަނީ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ދިވެހިންގެ ކިބާގައި ކުރިންހުރި ރިވެތި އާދަތަކަށް ބަދަލުއައިސް ބައެއް އާދަތައް އުވެމުންދާކަމެވެ.

2. މަލްޓި ޕާޓީ ސިސްޓަމް ތަޢާރަފުވުން.

އަޙްމަދު ނާފިޢު (2011) ހާމަކުރައްވާ ގޮތުގައި ސިޔާސީ ފޯރީގައި ޢާއިލާތައް ރޫޅިގެން ދިޔައެވެ. އެގޮތުން އެއްގެއެއްގައި ތިންމީހަކު ދިރިއުޅޭނަމަ އެކި މީހުންތިބެނީ އެކި ފިކުރުތަކަށެވެ. ބައްޕައާއި ދަރިފުޅު ދެޕާޓީއެއްގައި ހިމެނޭތީވެ ދެބަފައިން އެއްމޭޒު ދޮށުގައި ކެއުމަކީ ރަނގަޅުނޫން ގޮތަކަށްވަނީ ވެފައެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއް ލިބުނަސް  ޚިޔާލާއި ފިކުރު ތަފާތުވުމުން އެހީތެރިކަމެއް ފޯރުކޮށްދެވޭކަށް ނޯވެއެވެ. ޢާއިލާގެ ތެރޭގައި މިފަދަ މިންވަރަކަށް ޢާއިލީ ގުޅުން ހީނަރުވުމުން ކުރީޒަމާނުގައި ދިވެހިންގެ ކިބާގައިއޮތް ރިވެތި އާދަތަށް  މުޖުތަމަޢުން ފުހެވިގެންދާނެއެވެ. ޙައްވާ މުޙައްމަދު (2010) ވިދާޅުވަނީ ސިޔާސީގޮތުން ފިކުރުތަފާތު މީހުން ބައިބަޔަށްބެހި އެއްބަޔަކު އަނެއްބައެއްގެ ދުސްމަނުންކަމުގައި ވުމުން ބޮޑެތި މީހުންނަށް އިޙްތިރާމުކުރުމާއި ވެރިންނަށް ކިޔަމަށްތެރިވުމުގެ ރީތި އާދަތައް ނެތިގެންދާކަމަށެވެ. އެހެންކަމުން ރިވެތި އާދަތަކުގެ ތެރެއިން އެކިކަހަލަ ގުޅުންތައް މަލްޓި ޕާޓީ ސިސްޓަމް ތަޢާރަފުވުމުން ހީނަރުވެގެންގޮސްފައި ވެއެވެ.

3. ގަބޫލުކުރެވޭ ގޮތް ބަދަލުވުން.

މިހާރަކަށްއައިސް ދިވެހިން އެކަކު އަނެކަކާއިމެދު ދެކޭގޮތާއި އެކި މީހުން ގަބޫލުކުރާގޮތް ތަފާތުވުމުން ތިމާގެ ހިޔާލާއި ގަބޫލުކުރުން ކަމުނުދާ މީހާއަކީ ގޯސްމީހެއްކަމުގައި ދެކެއެވެ. އަޙުމަދު ނާފިޢު (2011) ބަޔާންކުރައްވާ ގޮތުގައި ދީނީ ޚިޔާލު ތަފާތުވެ ދީނާއި މެދު ދެކޭގޮތްވަނީ އޮޅުން ބޮޅުން ވެފައެވެ. ދެމީހަކު އެއްގޮތަކަށް ވާހަކައެއް ނުދައްކައެވެ. ރަނގަޅު އުސޫލެއް ނުވަތަ އާދައެއް ދެމިއޮންނާނީ އަނެކާދެކޭގޮތަށް އިޙްތިރާމުކޮށް އަމިއްލަ ކަންކަން ނިންމުމުގެ ބަދަލުގައި އެހެންމީހުންގެ މަޝްވަރާއާއި އެއްގޮތަށް ކަންތައް ކުރުމުންނެވެ. އިހުޒަމާނުގައި ދިވެހިންގެ ކިބާގައި ރިވެތި އާދަތައް ހަރުލާފައިވަނީ އެގޮތަށް އެބައިމީހުންގެ މެދުގައި ކަންތައްތައްކޮށްފައި ވާތީއެވެ.

ނިންމުން

އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގެ އަލީގައި ދިވެހިންގެ ކިބާގައިވާ ބައެއް ރިވެތި އާދަތަކަށް އައިސްފައިވާ ބަދަލުތަކާއި އުވެމުންދާ ބައެއް އާދަތައް އެނގި ހާމަވެއްޖެއެވެ. މިކަން މިގޮތަށްވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ތަޢާރަފުވުމާއި ޕާޓީ ސިސްޓަމް ޢާންމުވުމާޢި އެކި މީހުންގެ ވިސްނުމާއި ބަލައިގަތުން ތަފާތުވުން ހިމެނެއެވެ. އެހެންކަމުން އިޖުތިމާއީގޮތުންނާއި ފަރުދީގޮތުންނާއި އަޚްލާޤީގޮތުން ކުރީޒަމާނުގައި ދިވެހިންގެ ކިބާގައި އަށަގަނެފައިވާ އާދަތައް މިހާރު އަންނަނީ ބަދަލުވަމުން އުވެމުންނެވެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ރިވެތި އާދަތަށް އެޒަމާނުގައި އޮތްފަދައިން މިޒަމާނުގައިވެސް އެއާދަތަށް ދިރުވާ އާލާކުރުމެވެ. އިހު ދިވެހިންގެ ކިބައިން ނަމޫނާ ލިބިގަނެ ނުރަނގަޅު އާދަތަށް އިޞްލާޙުކުރުމެވެ.

  

 

 

 


 

0 ޚިޔާލު :

Post a Comment