ހިންގުންތެރި މުދައްރިސެއް



ހއ.އިހަވަންދޫ އާހިޔާ އަލްފާޟިލް އަޙުމަދު ރަޝީދަކީ ހއ.އިހަވަންދޫ ނެދުންގޭ އަލްމަރުޙޫމާ ޖަމީލާ އާދަމާއި ހއ.ހޯރަފުށީ އަލަނާސިގޭ އަލްމަރުޙޫމް މުހަންމަދު ޔޫސުފުގެ ހުރިހަމައެކަނި ފިރިހެންދަރިފުޅެވެ. އަލްފާޟިލް އަހުމަދު ރަޝީދު އުފަންވެފައިވަނީ 1974 ފެބުރުއަރީ 2 ގައެވެ. އަލްފާޟިލް އަހުމަދު ރަޝީދުގެ އެއްބަނޑު އެއްބަފާ ތިން އަންހެން ކޮއްކޮއިންނާއި ތިން ދައްތައިން ތިއްބަވައެވެ. އެގޮތުން އަލްފާޟިލް އަހުމަދު ރަޝީދު ނިސްބަތްވަނީ އަލިބެ އާއިލާއަށް ކަމުގައި ވެއެވެ. އިހަވަންދޫގެ ރަތްޔިތުންނަށް އަލްފާޟިލް އަހުމަދު ރަޝީދު މަޝްހޫރުވެފައިވަނީ ދޮންބެގެ ނަމުންނެވެ.


ދޮންބެ އުޅެ ބޮޑުވެފައިވަނީ ހއ.އިހަވަންދޫ ރޯޒީވިލާގޭގައެވެ. އެބޭފުޅާގެ ތަޢުލީމީހަޔާތަށް ނަޒަރު ހިންގާލާއިރު، އެންމެފުރަތަމަ ތަޢުލީމު ޙާޞިލު ކުރައްވާފައިވަނީ އިހަވަންދޫ މަދަރުސާގައި ގުރޭޑު 6 އަކާ ހަމައަށެވެ. އެއަށްފަހުން މާލޭގެ މަދަރުސަތުލް އަޙުމަދިއްޔާގައި ގުރޭޑު 10 އަކާ ހަމައަށް ކިޔަވައި އޯލެވެލް ފުރިހަމަކުރެއްވިއެވެ. އެގޮތުން މާލޭގައި ތަޢުލީމު ޙާޞިލު ކުރެއްވި ދުވަސްވަރު ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވިއެވެ. އެއީ އާއިލައާއި ދުރުގައި ހުރެ އެކަނިމާއެކަނި ކިޔެވުމަށް މަސައްކަތް ކުރެވުމެވެ. އަމިއްލަ ބުރަ މަސައްކަތާއި ހިއްވަރުން އޯލެވެލް ނިންމައިލީ ކާމިޔާބުކަމާ އެކުގައެވެ. އެންމެ މާއްދާއެއް ފިޔަވައި ހުރިހާ މާއްދާއަކުން ފާސްވެގެންދިޔުމީ ދޮންބެގެ ބުރަމަސައްކަތުގެ އަގުހުރި ނަތީޖާކަން ކަށަވަރެވެ.

       ހީވާގި ޝަޙްޞިއްޔަތެއްގެ ވެރި ދޮންބެއަކީ ތަފާތު އެކި ގޮތްގޮތުން ކަމިޔާބީ ޙާޞިލް ކުރައްވާފައިވާ ޝަޙުސެކެވެ. އެގޮތުން ލިބިފައިވާ ކާމިއާބީތަކަށް ބަލައިލާއިރު މަދަރުސީ ދައުރުގައި އެކިއެކި ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން 3 ވަނަ ޙާޞިލްކުރަށްވާފައިވެއެވެ. އަދި މަދަރުސީ ދައުރު ނިންމައި އެތަކެއް ކޯސްތަކެއް ފުރިހަމަކުރައްވާފައިވެއެވެ. އެގޮތުން 'އެޑްވާސް ސެޓުފިކެޓް އިން ސެކަންޑަރީ އިސްލާމް' ޙާޞިލްކުރުމާއި 'ޑިޕޮލޮމާ އިން ސެކަންޑަރީ އިސްލާމް ޓީޗިން' އާއި 'ބެޗްލާރއޮފް އިސްލާމް ޓީޗިން' އަދި 'ޑިޕޮލޮމާ އިން ސުކޫލް މެނޭޖްމެންޓް'އިން 3 ވަނަ ޙާޞިލްކުރައްވާފައިވެއެވެ. އަދި ހަމަ އެހެންމެ ދޮންބެއަކީ 'ކުއްލިޔަތުއްދިރާސާތުލް އިސްލާމިއްޔާ'އާއި 'ފެކަލްޓީ އޮފް އެޑިޔުކޭޝަނުން'ވެސް ތައުލީމުހާޟިލްކުރެއްވި ބޭފުޅެކެވެ.                                         
ތަޢުލީމީދައުރުގެ ކާމިޔާބީ ތަކާއެކު އިހަވަންދޫ މަދަރުސާގައި ތަފާތު މަޤާމުތައް ދޮންބެވަނީ ފުރުއްވާފައެވެ. އެގޮތުން 1998 ވަނަ އަހަރު ވަޤުތީ މުދައްރިސްކަން ކުރެއްވުމާއި 1999ވަނަ އަހަރު އެސިސްޓެންޓު ޓީޗަރުކަން ކުރެއްވިއެވެ. އެއާއިއެކު 2001ވަނަ އަހަރު އިސްލާމް މުދައްރިސް ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި ހަމައެހެންމެ 2006ވަނަ އަހަރު ސުޕަވައިޒަރުކަން ކުރެއްވުމާއި 2008ވަނަ އަހަރު ގުރެޖުއޭޓް ލީޑިން ޓީޗަރުކަމުގެ މަޤާމް އަދާކުރެއްވިއެވެ. މިހާރު ދޮންބެ ހުންނެވީ  ކޮލިފައިޑު ލީޑިން ޓީޗަރުގެ ކަމުގެ މަޤާމުގައެވެ. އިހަވަންދޫ މަދަރުސާގައި ފުރުއްވި މަޤާމުތަކުގެ އިތުރުން 2009ވަނަ އަހަރު ތާޖުއްދީން ސުކޫލުގެ ގުރެޖުއޭޓެޑް ޓީޗަރުކަންވެސް ކުރެއްވިއެވެ. އަދި ސީ.ސީ.އީ ގައި އިސްލާމް މުދައްރިސެއްގެ މަޤާމް އަދާކުރައްވާފައިވެއެވެ. ހަމަ އެ އަހަރު ދޮންބެއަކީ އިސްލާމީ މަރުކަޒުގެ އިމާމުކަންވެސް ކުރެއްވިބޭފުޅެވެވެ. މީގެ އިތުރުންވެސް އިހަވަންދޫގައި އެކި މަޤާމުތަކުގައި ދޮންބެވަނީ މަސައްކަތް ކުރައްވައިފައެވެ. ނަމަވެސް ދޮންބެ ފާހަގަކޮށްލެވެނީ ހިންގުންތެރި މުދައްރިސެއްގެ ރޮނގުންނެވެ.  

އަލްފާޟިލް އަޙުމަދު ރަޝީދު (ދޮންބެ)އަކީ ކުރާކޮންމެ ކަމެއްގައިވެސް އެކަމެއް ކާމިއާބުކަމާއެކު ކުރުމަށް ގަދައަޅާ މަސައްކަތްކުރާ ފަހުލަވާނެކެވެ. ދޮންބެ ޖަވާޒީ ޙަޔާތެއްފެއްޓެވީ 2001ވަނަ އަހަރުގައެވެ. ކައިވެނި ބައްލަވައިގަތީ ހއ.އިހަވަންދު ފުނަމާގޭ އަލްފާޟިލާ ޝަމީމާ ޢަބްދުއްސައްތާރާއިއެވެ. ކައިވެންޏަށް 12 އަހަރު ވެފައިވާއިރު ދޮންބެގެ ދެ ބޭފުޅުން ތިއްބަވައެވެ. އެގޮތުން ދޮންބެގެ ޙަޔާތުގައި އެންމެ އުފާވި ދުވަހަކީ އެންމެ ފުރަތަމަ ދަރިފުޅު ލިބުނު ދުވަސްކަން ފާހަގަކޮށްލެވެއެވެ. 

ކާމިޔާބު ދިރިއުޅުމެއް އުޅުއްވި ކަމުގައިވިޔަސް ކުރަންބޭނުންވެފައި އެކަމެއް ނުކުރެވި ހުރި ކަންތައްތަކެއް ދޮންބެގެވެސް ވެއެވެ. އޭގެތެރޭގައި ޢަރަބިބަހުން ތަޢުލީމުޙާޟިލުކުރުމަށް ބޭނުންވެ އެކަން ކާމިއާބު ވެފައިނުވާކަން ދޮންބެ ފާހަގަކުރެއެވެ. އަދި ސީ.އެޗް.އެސް.އީ ތަޢުލީމު ޙާޞިލުކުރުމަކީވެސް މިހާތަނަށް ކުރެވިފައިނުވާ ކަމެއްކަމުގައި ވެއެވެ. އޭގެއިތުރުން ވިޔަފަރިކުރާ މީހަކަށް ވުމަކީދޮންބެ އަބަދުވެސް ބޭނުންވެފައިވާ ކަމެކެވެ. ނަމަވެސް، އަޅުގަނޑުމެން އެދެނީ ކޮންމެވެސް ދުވަހަކުން ދޮންބެގެ ހުރިހާ އުންމީދުތަކެއް ފުރިހަމަވެގެން ދިޔުމަށެވެ.

ޢަމަލީ މައިދާނުގައި މަސައްކަތްތައް ކުރުމުގެ އިތުރުން ހުސްވަޤުތު ތަކުގައި ފޮތްކިޔުމީ ދޮންބެ ކުރާހިތްވާ ކަމެކެވެ. އެންމެ ކިޔާހިތުން ކިޔާލެވެނީ އިސްލާމީ ފޮތްތައް ކަމުގައި ދޮންބެ ބުނެއެވެ. ދޮންބެ އެންމެ ދެކެން ބޭނުންވާ ކަމަކީ ދޮންބެގެ އާއިލާއަކީ ތަޤުވާވެރި އާއިލާއަކަށް ވުމުގެ އިތުރުން ތަޤުވާވެރި ހެޔޮލަފާ އަހުލުވެރިންގެ ގޮތުގައި އަބަދުވެސް ހުރުމެވެ. ދޮންބެއަކީ ހުސްވަޤުތު ތަކުގައި އަމިއްލަ ކުރިއެރުމާ މެދު ވިސްނާ ފިކުރުކުރާ ހިންހެޔޮ މިޖާޒެއްގެ މީހެކެވެ. އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމާއި އެކިގޮތްގޮތުން މީހުންނަށް ނަސޭހަތްތެރިވުމަކީ ދޮންބެގެ ޝަޙުސިއްޔަތުގެ ހަރުދަނާކަމުގެ ހެތްކެވެ. އަދި ހަމައެގޮތަށް ދޮންބެއަކީ ހަރުދަނާ ހިންގުންތެރި މުދައްރިސެއްވެސްމެއެވެ. ދަރިވަރުން އެންމެ ޝައުޤުވެރިކަމާއެކު ބަލައިގަންނަނީ ދޮންބެ، ކިޔަވައިދިނުމުގައި ގެންގުޅޭ ރަނގަޅު ޢުސޫލުތަކެވެ. އެހެންކަމުން ދޮންބެ ވެފައިވަނީ ކިޔަވާ ކުދިންގެ މަޤުބޫލު މުދައްރިސަކަށެވެ.

   މުރާލިކަމާއި ހިންގުންތެރިކަމުގެ ނަމޫނާ ޝަޙްސެއްކަމުގައިވާ އަލްފާޟިލް އަޙުމަދު ރަޝީދު ހުރިހައި އެންމެންނަށް އަދި ވަކިން ޙާއްސަކޮށް ކިޔަވާކުދިންނަށް ދޭންބޭނުންވާ ނަޞޭޙަތަކީ ކޮންމެ ކުއްޖަކުވެސް ކިޔެވުމައިގެން ކުރިއަށްގޮސް އުގެނޭ ޢިލްމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. އަދި މަރުވުމުގެ ކުރިން ފުރިހަމަ ތަޤުވާވެރިއަކަށް ވުމެވެ. އަދި ހަމައެހެންމެ ދަރިވަރުންނަކީ މައިންބަފައިންނާއި އެހެން މީހުންނަށް އިޚުތިރާމުކުރާ އަދި އެހެން މީހުންގެ އިޚުތިރާމު ލިބިގެންވާ ބަޔަކަށް ވުމެވެ.                          

0 ޚިޔާލު :

Post a Comment