ހިތްމަތާއި މިންނަތްކުރޭ


އަންނަ މަތިވެރި ތިޔަ ޚިޔާލަށް ހިތްމަތާ މިންނަތްކުރޭ!                                       
ކަންތަކަށް ލަސްނުވެ އެކުން ހަރަކާތްތެރިވެ ފިކުރެއްކުރޭ!                    
ރޫޙު ނެތިގެން ގެއްލިފައި މުޅިދިރިއުޅުން ހީނަރުކުރަން                             
                          ނޫޅެތިޔަހެން ޢަޒުމް ޢަމަލީ ޒާރުގައި ސާބިތުކުރޭ!   
ނޫރު ކެނޑިގެން ހިތުގެ ދާހިނދު ވިސްނުމެއް ފިކުރެއްނުކޮށް                           
ހޫރުމަށްވުރެ ލާޒިމީ ރޫޙެއް ގެނައުމޭ ހަމަދިރޭ!
ރީތި ކުދިކުދި ފިޔަޖަހާ ނަލަތަރިތަކާ ގުޅުވާލަމުން                                   
     ރީތި ފުރިހަމަ ޤުދުރަތީ އެކިމަންޒަރުން ހިތްފަރިކުރޭ!
ކޮންމެފަދަ ގިލަނެއް ޖެހުނު ނަމަވެސް އެއަށް ކެތްކޮށް ނިކަން                        
      ކޮންމެ ފުން ކަނޑަކުންވިޔަސް ރޫޙަށް ޣިޛާ ހޯދަން އެރޭ!

(ރީތިޅެން:8 – އާމިނަތު ފާއިޒާ)
     ޅެންވެރި ކަމަށް ބަލައިލާއިރު މިޅެމުގެ ބަނޑުވައް އަކުރު އެއްގޮތް ކޮށްފައިވަނީ "ނ،ނ/ ރ،ރ/ ތ،ތ/ ނ،ނ" މިގޮތަށެވެ.  ދެވަނަ ބައިތު ފިޔަވައި ހުރިހާ ބައިތެއްގައިވެސް ބަނޑުވައް އަކުރު ވަނީ އެއްގޮތް ކުރެވިފައެވެ. ހަމައެގޮތަށް ފިލިކޯޅިވެސް ދެވަނަ ބައިތު ފިޔަވައި ހުރިހާ ބައިތެއްގައި ވަނީ އެއްގޮތް ކުރެވިފައެވެ. މިޅެމުގައި ފިލިކޯޅި އެއްގޮތް ކުރެވިފައިވަނީ "އަން،ކަން/ ނޫރު،ހޫރު/ ރީތި،ރީތި/ ކޮން،ކޮން" މި ފިލިކޯޅިތައް ބޭނުންކޮށްގެންނެވެ. އަދި މިޅެމުގެ ހުރިހާބައިތެއްގެ ކާފިޔާ އެއްގޮތް ކުރެވިފައިވަނީ ހުރިހައި ބައިތެއްގެ ނިމުން "ރޭ" އަށް ނިންމައިގެންނެވެ. މިޅެމުގެ ވަޒަނަށް ބަލައިލާއިރު ފުރަމަ ބައިތު ފިޔަވައި ހުރިހާ ބައިތެއްގައިވެސް 26 ފިލީގެ ވަޒަނުން ވަނީ ވަޒަން ހަމަކޮށްފައެވެ. ނަމަވެސް ފުރަތަމަ ބައިތުގެ ޞަދުރުގައި 26 ފިލި އޮވެފައި ޢަޖުޒުގައި އޮތީ 27 ފިލިކަމަށް ވުމުން ފުރަތަމަ ބައިތު ވަޒަނަކަށް ނުފެތެއެވެ.                         

    މިޅެމުގެ އެމުނިއެކުލެވުމަށް ބަލާއިރު ބަސްތައް އެތުރި އެމުނިއެކުލެވިފައިވަނީ ރަނގަޅު ގޮތަކަށެވެ. އަދި މިޅެމުގެ ބަސްކޮށާރުވެސް ގެނެސްދީފައިވާނީ  މިޅެމުގެ ޙާލަތާއި ފުދޭވަރަކަށް މުނާސަބުވާ ގޮތުގެ މަތިންނެވެ. މިސާލަކަށް "ރޫޙަށް ޣިޛާ ހޯދުން" ފަދަ ބަސްތައް ބޭނުންކޮށްފައިވެއެވެ. ހަމައެހެންމެ މިޅެމުގެ އެމުނިއެކުލެވުމުގައި މަދުންނަމަވެސް ބުގިސްގޮތްވެސް ގެނެވިފައި ވެއެވެ. އަދި މިޅެމުގެ މައިގަނޑު ޚިޔާލު ބިނާކޮށްފައި ވަނީ ނަސޭޙަތެއްގެ ގޮތުގައިކަމަށްވުމުން ޅެމުގެ ނަމާއި ފާޅުކޮށްފައިވާ ޚިޔާލާއި ގުޅުން އެބަހުއްޓެވެ. ޅެމުގެ އޮއްޓަރުގެ ގޮތުން އެހާފުރިހަމަ ކަމަށްނުވިއަސް މިޅެމަކީ ޅެންވެރިކަމުގެ ގޮތުން ބަލާއިރު ރަނގަޅު ޅެމެކެވެ.                                                         

0 ޚިޔާލު :

Post a Comment