އަޞްލުގައިވެސް

ގަހަށް ނެތްކުލުނު ފަތަކަށް ހުރުމަކީ އޭ މުސްތަޙީލުކަމެއް                                      
ބަހަށްނެތް ލޯބި ޤައުމަށް ކުރުމަކީވެސް ނޭކަށޭނަކަމެއް                        
މަލެއްނެތްނަމަ ފޮޅެންފަރިވާ ގަހަށް ފިނިފެންމަލުގެ ތިރިވާ                                      
ވަލެއްގައިވެސް ކޮކާ މާބުރު އައިސްއުޅުމީ ނުވާނެކަމެއް                       
 ބަލާލާއިރު ލިލީމަލަކާއި ތަފާތުނުވާ އެހެން މާތައް                                           
ހަލާކެއްނެތި ފޮޅުނު ނަމަވެސް ވަހެއްގާ ވޭހެ މީރުކަމެއް                      
ގުރުޑުފިޔަ ހޯދަނީވިއްޔާ ފެނޭ ފިނިފެންމަލުން އަދިވެސް                                       
ދުރުން ދާއިރު ނުވިސްނޭހޭ ޢަބީރެއް އޭގެ ވާނެކަމެއް                         
ގަހުން އަލަ ކެޔޮ ނިރެއް ޖެހުމީ އެއަށް ފެންދީ ހަދާ އުޅުނަސް                                  
ފަހުން ޤަރުނެއްވެ މަރުވެ ދިޔަސް އެއީ އަމުދުން ނުވާނެކަމެއް                  

(ރީތިޅެން:9 – ޔޫސުފު އަލިފުޅު)

      އަޅުގަނޑުމެންނަށް ގަސްގަހަށް ނުކުރެވޭ ލޯބި ގަހުގެ ފަތަކަށްވެސް ނުކުރެވޭ ފަދައިން ދިވެހި ބަހަށް ލޯބި ނުކުރާ ކަމުގައި ވާނަމަ ގައުމުދެކެ ލޯބިވެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ އެގޮތުން ފިނިފެންމާ ގަހެއްގައި މަލެއް ފޮޅިފައި ނުވާނަމަ މާބުރާއި ކޮކާ ކައިރިނުވާ ބީދައިން ދިވެހިބަހުގެ ޢިލްމުވެރިން ދިވެހި ބަހުގައި ހުންނަ ފުރިހަމަކަމާއި އަސަރު، އެހެންމީހުން ޝައުޤުވެރިވާނޭފަދަ ގޮތެއްގައި ފޯރުކަށް ނުދޭހާހިނދެއްގައި އެބަހަށް އިޚްތިރާމުކޮށް ޤަދަރުކުރާނެ ބަޔަކުވެސް ނާންނާނެއެވެ. އަދި ހަމައެހެންމެ ދިވެހިންގެވެސް މާދަރީ ބަހެއް އޮންނަ އުސޫލުން އެހެން ގައުމުތަކުގެވެސް މާދަރީބަހެއް އޮތެއްކަމަކު ދިވެހިންނަށް އެންމެ އަސަރުގަދަ ބަހަކީ ދިވެހިންގެ ބަހެވެ. އެހެނިހެން ބަސްބަހެއްނޫނެއެވެ. އެހެނީ އެހެނިހެން ބަސްބަހުން ދިވެހިންނަށް ދިވެހިބަހުން ކުރާފަދަ ފޮނިއަސަރުތަކެއް ނުކުރާނެތީއެވެ. ރީތި ފިނިފެންމަލުންވެސް ގުރުނޑުވެ ހަލާކުވެފައިވާ ފިޔަތައް، ހޯދައިފިނަމަ ފެންނަގޮތަށް ދިވެހިބަހުގައިވެސް ކޮންމެ ޙާލަތެއްގައިވެސް އެކިމާނަނެގިދާނެ ބަސްތައް ހުރެއެވެ. ނަމަވެސް އެއީ ދިވެހިބަހަށް އެއްވެސް ވަރެއްގެ އުނިކަމެއް އަތުވެދާނެ ބަސްތަކެއް ނޫނެވެ. އަދި ރަނގަޅަށް ވިސްނާލުމުން އިނގެނީ އެއީވެސް ދިވެހިބަހަށް ޚައްޞަ އުސޫލެއްކަމެވެ. އެއިގެ އިތުރުން ދިވެހި ބަހުގެ ތެރެއަށް އައު ބަސްތަކެއް ތަޢާރަފުކޮށް ދިވެހި ވަންތަގޮތުގައި ބޭނުން ކުރެވިއްޖެނަމަ ދިވެބަސްދާނީ އިތުރަށް ކުރިއަރައިގެންނެވެ. އެއީ ދިވެހިބަހަށް ބަދަލު އަންނާނެ ކަމެއްނޫނެވެ. އެހެނީ އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާ އުސޫލުން ކިތަންމެ ޤަރުނެއްވިޔަސް ދިވެހިބަސް އޮންނާނީ ދިވެހިންގެ މާދަރީ ބަހުގެ ގޮތުގައި ކަންޔަޤީންނެވެ. 

0 ޚިޔާލު :

Post a Comment