ދިވެހި ދަރިއެއްގެ ޢަޒުމެއް

މިނިވަންކަމުން ލިބެވޭއުފާ ޢަޒުމެއްކަމަށް ހަދާނަމޭ                                    
      ދިނިގެން މުޅިން ހިނގޭނެހާ މަގުތައް އަލުން ކޮށާނަމޭ
މިނިވަންކަމުގެ އުހަލާއެކީ ބާޣުގެ އެތަންމިތަނުން އިވޭ                                        
                           ފިނިފިނި އެތައް އާރާގަކުން ރޫޙަށް ދިރުން ގެނުވާނަމޭ        
ހިނިތުންވެގެން ހުރިހާ އަޚުން ނަލަކަންމަތީ މިހިނގާ ދުވަހު                               
      މިނިވަންކަމާއި މެދަށް ޚިޔާލު ހިންގަންފަށަން ގޮވާނަމޭ
ފިނިފިނި ނަސީމުގެ ރޯޅިތައް ތާޒާކުރާ ޚިޔާލަކުން                                      
     މިނިވަންކަމުގެ ފުންމަޢުނައަށް ދުރުމީއަޅަން ފަށާނަމޭ
މިނިވަންކަމުގެ މަތިވެރި ނަމުން ލިބުނަސް ނަމެއް ސިޔާސަތުން                            
މިނިވަންކަމުގެ ޙަޤީޤަތީ ކެރިފޯރުމޭ ގޮވާނަމޭ

(ރީތިޅެން:7 – މުޙަންމަދު އަމީން)


ޅެންވެރި ކަމަށް ބަލައިލާއިރު މިޅެމުގެ ބަނޑުވައް އަކުރު އެއްގޮތް ކޮށްފައިވަނީ ހުރިހާ ބައިތެއްގައިވެސް "ނ،ނ" ބޭނުންކޮށްގެންނެވެ. އަދި މިޅެމުގެ ހުރިހާ ބައިތެއްގެ ފިލިކޯޅިވެސް ވަނީ އެއްގޮތްކުރެވިފައެވެ. އެއީ "މިނި،ދިނި/ މިނި،ފިނި/ ހިނި،މިނި/ ފިނި،މިނި/ މިނި،މިނި" މިގޮތުގެ މަތިންނެވެ. ހަމައެހެންމެ މިޅެމުގެ ހުރިހާބައިތެއްގެ ކާފިޔާ އެއްގޮތް ކުރެވިފައިވަނީ ހުރިހައި ބައިތެއްގެ ނިމުން "މޭ" އަށް ނިންމައިގެންނެވެ. އަދި މިޅެމުގެ ވަޒަނަށް ބަލައިލާއިރު ހުރިހާ ބައިތެއް ވަޒަނަށް ނުފެތޭކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އެގޮތުން ދެވަނަ ބައިތާއި ތިންވަނަ ބައިތު ގެ ވަޒަން 28 ފިލީގެ ވަޒަނުން ވަނީ އެއްގޮތް ކުރެވިފައެވެ. ނަމަވެސް ފުރަތަމަ ބައިތާއި ފަހުބައިތުގެ ޞަދުރުގައި 27 ފިލި އޮވެފައި ޢަޖުޒުގައި އޮތީ 26 ފިލިކަމަށް ވުމުން ފަހުބައިތާއި ފުރަތަމަ ބައިތު ވަޒަނަކަށް ނުފެތެއެވެ. ހަމައެގޮތަށް ހަތަރުވަނަ ބައިތުގައިވެސް ޞަދުރުގައި 26 ފިލި އޮވެފައި ޢަޖުޒުގައި އޮތީ 27 ފިލިކަމަށް ވުމުން މިބައިތުވެސް ވަޒަނަކަށް ނުފެތެއެވެ.                        
މިޅެމުގެ އެމުނިއެކުލެވުމަށް ބަލާއިރު ބަސްތައް އެތުރި އެމުނިއެކުލެވިފައިވަނީ ވަރަށް ރީތި ގޮތަކަށެވެ. އަދި މިޅެމުގެ ބަސްކޮށާރު ފުރިހަމަކަމާއިއެކު ގެނެސްދީފައިވާތީ މިޅެމުގައި ދައްކާފައި ހުރިވާހަކަތައް ބަޔާންކޮށްދީފައިވަނީ މިޅެމުގެ ޙާލަތާއި މުނާސަބުވާ ގޮތުގެ މަތިންކަންވެސް ފާހަގަކޮށްލެވެއެވެ. މިސާލަކަށް "ފިނިފިނި ނަސީމުގެ ރޯޅިތައް، ފުންމަޢުނައަށް ދުރުމީއަޅަން، އާރާގަކުން ރޫޙަށް ދިރުން" ފަދަ ބަސްތައް ބޭނުންކޮށްފައިވުމުން ޅެމުގެ ޖަޒުބާތާއި އަސަރު ހާމަވެގެން ދެއެވެ. އެހެންވުމުން މިޅެމުގައި ބުގިސްގޮތް ހުރުމާއެކު އެމުނިއެކުލެވުން ފުރިހަމަވެއެވެ. އަދި މިޅެމުގެ މައިގަނޑު ޚިޔާލު ބިނާކޮށްފައި ވަނީ ދިވެހި ދަރިއެއްގެ ޝުޢޫރުތަކާއި ޢަޒުމު އެކުލެވޭ ޢާންމު ޚިޔާލެއްގެ މަޗަށް ކަމަށްވުމުން ޅެމުގެ ނަމާއި ފާޅުކޮށްފައިވާ ޚިޔާލާއި ވަރަށްބޮޑަށް ގުޅުން އެބަހުއްޓެވެ. ވުމާއެކު މިޅެމަކީ ބަސްކޮށާރާއި އެމުނިއެކުލެވުމުގައި ބުގިސްގޮތް އެކުލެވޭ މޮޅު ޅެމެކެވެ. ނަމަވެސް ފާހަގަ ކުރެވެނީ މިޅެމަކީ ޅެންވެރިކަމުގެ ގޮތުން ފުރިހަމައަށް ވަޒަނަށް ފެތިފައިނުވާ ޅެމެއްކަމެވެ. ނަމަވެސް ޅެންވެރިކަން ދަށެއްނޫނެވެ.

0 ޚިޔާލު :

Post a Comment