2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް
ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ބައެއް ރަށްތަކުގެ ފަޅުވަނީ ވަރަށްބޮޑަށް ގެއްލުންވެ
ހަލާކުވެފައެވެ. އެގޮތުން ހއ. އިހަފަރުގެ ފަޅަކީވެސް ސުނާމީ ކާރިސާގައި
ގެއްލުންވެފައިވާ ފަޅެކެވެ. އެރަށުގެ ފަޅު މަރާމާތުކުރުމަށް ސަޢުދީ ސަރުކާރުން
އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ފަޅުމަރާމާތު ކުރަމުންދާ ގޮތާއިމެދު
ހިތްހަމަނުޖެހިގެން އެރަށުގެ ރައްޔިތުން ނުކުމެ، ވަނީ އެމަސައްކަތް
ހުއްޓުވާފައެވެ. އެގޮތުން މިރިޕޯޓަކީ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން
މިމައްސަލަ ހިނގައިދިޔަގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މިރިޕޯޓުގައި އެކުލެވިގެންވާނީ
ފަޅުހެދުމަށް ކުރެވިފައިހުރި މަސައްކަތާއި، ކަން ހިނގައިދިޔަ ގޮތާއި، މިކަމުގައި ޝާމިލުވާ
ފަރާތްތަކުގެ ބަހާއި، މައްސަލައިގެ ހައްލެވެ. މިރިޕޯޓަށް މަޢުލޫމާތު ނެގިފައި
މިވަނީ އިހަފަރުގެ ރަށުކައުންސިލުންނާއި އެރަށުގެ ރައްޔިތުންނާއި ފަޅު މަރާމާތު
ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނީގެ ފަރާތުން ނެވެ.
ފަޅުހެދުމަށް
ކުރެވިފައިހުރި މަސައްކަތް
3500 މީހުން ދިރިއުޅެމުންދާ އިހަފަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ދެފަހަރެއްގެ
މަތިން ކުރެވިފައިވެއެވެ. އެރަށު ފަޅު ފުންކުރުމުގެ މަސައްކަތް ފުރަތަމަ ކުރެވުނީ
1990 ވަނަ އަހަރު ރައްޔިތުންގެ ބެލުމުގެ ދަށުންނެވެ. މޫސުމީ ބަދަލުތަކާއި އުދަ
އެރުމާއި ގުޅިގެން ދެވަނަ ފަހަރަށް ފަޅު ފުންކުރުމުގެ މަސައްކަތް ކޮށްދީފައިވަނީ ސީދާ
ސަރުކާރުގެ ބެލުމުގެ ދަށުން 2000 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތްތަށް
ކުރިއަށް ގެންގޮސްފައިވަނީ މަސައްކަތް
ހަވާލުވި ފަރާތުން ރައްޔިތުންގެ ލަފާ ހޯއްދަވައިގެން،ސަރުކާރުގެ ބެއްލެވުމުގެ
ދަށުންނެވެ.
ކަން ހިނގައިދިޔަގޮތް
ސުނާމީ ކާރިސާގައި ހަލާކުވެފައިވާ އިހަފަރުގެ ފަޅު މަރާމާތުކުރުމަށް
ސަރުކާރުން ހަވާލުކޮށްފައިވަނީ އުވަދޯނި ކޮންސްޓްރަކްޝަނާއެވެ. އެކުންފުނިން ފަޅު
އިތުރަށް ފުންކުރުމަށާއި ފަޅުބޮޑުކޮށް ފަޅާއި ގުޅުންހުރި ވެލިގަނޑު
ހިމާޔަތްކުރުމަށްޓަކައި ފަޅުގެ ދެފަރާތުން ރިވެޓްމެންޓް ޖެހުމަށް
ނިންމާފައިވެއެވެ. އެކުންފުނިން މިމަސައްކަތް ކުރަމުން ގެންދިޔައީ އެރަށުގެ
ކަމާބެހޭ ބައެއްފަރާތްތަކާ މަޝްވަރާ ކުރުމެއްނެތިއެވެ. އެހެންކަމުން މިކަމާ
ހިތްހަމަ ނުޖެހިގެން ރައްޔިތުން ނުކުމެ މިމަސައްކަތްވަނީ ހުއްޓުވާފައެވެ.
މިކަމާމެދު އެކި ފަރާތްތަކުން ބުނެފައިވާ ބަސްތަކަށް ބަލައިލަން ޖެހެއެވެ.
މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ ބަސް
2009 ޖެނުއަރީ 22 ވަނަދުވަހު ރައްޔިތުން މަޖިލީހުގެ އިހަފަރު ދާއިރާގެ
އިއްޒަތްތެރި މެންބަރު އަލްފާޟިލް މުހައްމަދު ޤާސިމް ނަޝީދު ރައްޔިތުންނާއި
ބައްދަލުކުރައްވާ ފަޅު މަރާމާތު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވިއެވެ.
ނަމަވެސް މިބައްދަލުވުމަށް ރަށުގެ ހުރިހާ ރައްޔިތުން ހާޒިރުވެފައި ނުވާކަން
ފާހަގަކޮށްލެވެއެވެ. ރަށުގެ ޖަމިއްޔާތަކާއި ކޮމެޓީތަކުގެ
ބަސްތަކުން އެނގުނުގޮތުގައި މިމަސައްކަތް ހަވާލުކޮށްފައިވާ އުވަދޯނި
ކޮންސްޓްރަކްޝަނުން އެބޭފުޅުންނާއި އެއްވެސް ކަހަލަ މަޝްވަރާއެއްކޮށްފައެއް
ނުވެއެވެ. ނަމަވެސް މިރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ޔާމިނު ވިދާޅުވެފައިވަނީ
ރައްޔިތުންގެ ހިޔާލު ހޯދުމަށް ކައުންސިލުން އެތަކެއްފަހަރު މަތިން
މަސައްކަތްކޮށްފައިވީ ނަމަވެސް ބައްދަލުވުންތަކަށް އެކަށީގެންވާ އަދަދެއްގެ ބަޔަކު
ހާޒިރުވެފައި ނުވާކަމަށާއި އެރަށުގެ ޖަމިއްޔާތަކަށް ދަޢުވަތުދީގެން ބާއްވާ
ބައްދަލުވުންތަކުގައި ފަތިފުށް ޖަމިއްޔާ ފިޔަވައި އެއްވެސް ޖަމިއްޔާއަކުން
ހިޔާލުފާޅުކޮށްފައި ނުވާކަމަށެވެ. އަދި އުވަދޯނި ކޮންސްޓްރަކްޝަނުގެ ބޭފުޅުން
ކައުންސިލާއި މަޝްވަރާ ކުރައްވާކަމަށާއި އެހެންނަމަވެސް ޖަމިއްޔާތަކާއި މަޝްވަރާ
ކޮށްފައިވާކަން އެނގިފައިނުވާކަމަށް، އަދި ރައްޔިތުން މިކަމާއި ގުޅޭގޮތުން
ކައުންސިލުގެ ހިޔާލެއް ހޯއްދަވަން ވަޑައިނުގަންނަވާކަމަށްވެސް ވިދާޅުވެފައި
ވެއެވެ.
މައްސަލައިގެ ހައްލު
މިމައްސަލާގައި ޝާމިލުވާ ފަރާތްތަކުގެ ބަސްތަކުން އެނގުނުގޮތުގައި މިކަން
ކުރިމަތިވެގެން މިއުޅެނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ރަނގަޅަށް ހޯދިފައިނުވުމުގެ
ސަބަބުންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރަށުގެ ތަރައްގީއަށް ކޮންމެ
ކަމެއް ކުރިކަމުގައިވިޔަސް ރައްޔިތުން އެކަމަކާއިމެދު ދެކޭގޮތް ހޯދުން މުހިއްމެވެ.
ހަމައެގޮތަށް އެންމެން އެއްގަލަކަށް އަރައި ތަފާތު ފިކުރު ހުރި ކަމުގައިވިޔަސް
ރަށުގެ ކުރިއެރުމަށް ބުރޫ އަރާފަދަ ކަންތައްތަކުން ދުރުހެލިވާން ޖެހެއެވެ. އަދި
ފަޅު މަރާމާތު ކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކުން އެބޭފުޅުންގެ ޒިންމާ
ފުރިހަމަގޮތުގައި އަދާކުރުމަކީވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.
0 ޚިޔާލު :
Post a Comment