ސަމާސާ އަދަބުގެ ތެރެއިން: ކިރިޔާ ކުރެވުނު މަޣުރިބް ނަމާދު

                                         
    އާދަނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ވަރަށް "ސީރިއަސް" މިޒާޖެއްގެ މީހެކެވެ. އާދަނު ފަތީލާއާއި ކައިވެނިކޮށްގެން އުޅޭތާ ދިހައަހަރު ވެފައިވާއިރު ދެކުދިން ތިބެއެވެ. އާދަނަކީ ދީނީ ކަންތައްތަކަށް ވަރަށް ފަރުވާތެރި މީހެކެވެ. މިހާރު ކުރިއަށްދަނީ ރަމަޟާންމަސް ކަމަށްވާތީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމަކީ އާދަނު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ ދެކަންތަކެވެ. އަނބިމީހާއާއި ދަރިންނަށްވެސް އަޅުކަންތައް ގިނަގިނައިން ކުރުމަށް އާދަނު، ބުނެދީ ހަދައެވެ. އެހެންކަމުން އާދަނުގެ ދެކުދިންނަކީވެސް ރަނގަޅު އަޚުލާޤުން ތަރުބިއްޔަތުވެފައިވާ ދެކުދިންނެވެ.
   
     ދުވަހަކީ ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު މިންވަރަކުން އަޅުކަންތައް ކުރުމާއި ރޭއަޅުކަމުގައި މަސްޢޫލުވެ އުޅެއެވެ. ނަމަވެސް މިއަދު އާދަނަށް ހުންނަންޖެހުނީ ގޭގައެވެ. މިސްކިތަށްދާން ކިތަންމެ ބޭނުންވިޔަސް ދެވޭކަށް ނެތެވެ. އާދަނުގެ ހަގު މަންޖެ ވަރަށް ގަދައަށް ހުންއައިސް ބޮލުގައި ރިއްސާތީ ރޮއެހޭރެނީއެވެ. އާދަނު އުޅެނީ ޑޮކްޓަރަށް ގުޅައިގެންނެވެ. ފަތީލާ ދަރިފުޅު ގާތުގައި އެބައިނެވެ. މާލަސްތަކެއްނުވެ ޑޮކްޓަރު އައިސް އާދަނުގެ ދަރިފުޅު ބަލައިފައި ބޭހެއް ދީފައި ގޮސްފިއެވެ. އިރުކޮޅެއްގެ ތެރޭގައި  ހުންގަނޑު މައިތިރިވެ ދަރިފުޅު ނިދައިފިއެވެ. ދެންއާދަނުވެސް މަޣުރިބް ނަމާދު ނުކޮށްހުރީތީ ނަމާދަށްދާން ގަޑި ބަލައިލިއިރު ޢިޝާނަމާދު ވަގުތު ވަންނަން ހުރީ ކައިރިވެފައެވެ. ވުމާއެކު ވަރަށް އަވަސް އަރުވާލައި މަޣުރިބް ނަމާދު ވަގުތު ފާއިތުނުވަނީހެން ނަމާދު ކުރެވޭތޯ މިސްކިތާދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ. 


     މިސްކިތަށް ވަދެވުމާއެކުހެން އަވަހަށް ވުޟޫކޮށްލައިގެން ނަމާދަށް އެރިއެވެ. ސަލާމްދީ ނަމާދުން އަވަދިވި ވަގުތު އާދަނު ވަށައިގެން ބޮޑެތި ފާރަވެރިންގެ ގޮތުގައި ހުދުފޮށާ ބަނދެގެން ބަޔަކު ތިބިހެން ހީވާތީ ދެކޮޅަށް ދެކޮޅަށް ބަލައިލިއެވެ. އާދަނު ގަތްބިރުން ފިތްކަނޑައިގެން ނުދިޔައީ ހަމަކިރިޔާއެވެ. އަވަސް އަވަހަށް ދެލޯ މަރާލައި ދެލޯ ފުހެލިއެވެ. އެއަށްފަހު އަނެއްކާވެސް ދެލޯ ބޮޑުކޮށްލައި ރަނގަޅަށް ބަލައިލިއެވެ. މިފަހަރުގަތީ އަމަށަކު ލަދެއްނޫނެވެ. އާދަނުފަކީރު ލަދުން މަރުވާވަރު ނުވީވެސް ހަމަކިރިޔާއެވެ. މަޑުމަޑުން ތެދުވެ، އަނގާގައި އަތްއަޅާ ކަހަލަ ގޮތަކަށްހުރެ މިސްކިތުތެރެއިން ނުކުމެ ގެއާދިމާއަށް ހިނގައިގަތްވަގުތު ޢިޝާނަމާދު ބަންގި ގޮވަންފަށައިފިއެވެ. އަނެއްކާވެސް ޖެހުނީ މިސްކިތަށް   ވަންނާށެވެ. އެކަމަކު މިފަހަރު މިސްކިތަށްވަނީ ކަނާތްފަރާތުގައި ހުރި ދޮރުންނެވެ.         .                                                
      އާދަނަށް ދިމާވި ކަންތަކަކީ ކޮންމެ ފިރިހެނަކުވެސް އެހެން ވެއްޖެއްޔާ ލަދުގަންނާނެ ކަމެއްކަން ޔަގީނެވެ. ވަނީވެސް އެހެންތާއެވެ. އާދަނަށް ނަމާދަށް އެރުނީ އެމިސްކިތުގައި އަންހެނުންނަށް ނަމާދުކުރަން ހެދިފައިވާ ބަޔަށެވެ. ހުރިހާ އަންހެނުންތިބީ އިޝާނަމާދަށް ތައްޔާރުވެގެން ނަމާދުފޮށާވެސް އަޅައިގެންނެވެ. އަދި މިސްކިތުގައި ތިބިހާ އަންހެނަކު ތިބީ އާދަނާ ދިމާއަށް ފާޑަކަށް ބަލާށެވެ. ބައެއް މީހުން ތުންފިއްތަފިތްތާފައި ދެލޯ ބޮޑުކޮށްލަލޮށްލާ ތިބިއެވެ. އަނެއްބަޔަކު ތިބީ އަނގަމަތީ އަތް އަޅައިގެން ހޭށެއެވެ. ނަމަވެސް އާދަނަށް މަޣުރިބްނަމާދު ކުރަންހުރި އިރުވެސް އަންހެނުންތަކެއް ތިބިކަން ނޭނގެއެވެ. އެހެންކަމުން މީގެ ރަނގަޅު ތަންކޮޅަކީ އާދަނަށް މަޣުރިބްނަމާދު، ވަގުތުގައި ކުރެވުނު ކަމެވެ. އަދި އާދަނަކީ ނަމާދުގައި އެހެންކަންތައްތަކާ އަޅާނުލާ މީހެއްކަންވެސް މިއިން އިނގިއްޖެވެ. އެއީ ރަނގަޅު އާދައެއް ނޫންތޯއެވެ؟      

0 ޚިޔާލު :

Post a Comment